ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
މިކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ. މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިން ވެސް މެ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވި މި މި ރަސްމިއްޔާތުގައި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ
އާ ޓާމިނަލަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ ކޯސްޓް އެއާލައިނެކެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އިތުރުން އެ ޓާމިނަލުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ ކޯސްޓް އެއާލައިން, އެއާ އަރަބިއާ, ލަގްޒަރީ އެއާލައިން, ބިއޯންޑް, ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން, ފިޓްސް އެއާއަށް ވީއައިއޭގެ އާ ޓާމިނަލުން މިހާރު ހިދުމަތްދެ އެވެ.