ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ހަތަރު އަތޮޅަކަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފ. ނިލަންދޫއަށް އެމަނިކުފާނު ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތުގަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް އެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ނިލަންދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމެވެ. އެއާޕޯޓެއް އެޅުމަށް އެ ރަށް މިހާރު ވަނީ ހިއްކާފަ އެވެ. މި މަޝްރޫއާ ގުޅިގެން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކަމަށްވާއިރު އެއާޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު އެމްޓީސީސީއަށް ދެއްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްއޭސީއެލްއާ ހަވާލުކުރީ އެއާޕޯޓުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތްކޮށް، އޮޕަރޭޓްކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މަދުވެގެން 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ރައްޔިތުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
“މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަސްތެރޭގައި މި އެއަރޕޯޓުގެ މަސައްކަތް ނިންމާ ތިބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަޤީންކަން ތިބޭފުޅުންނަށް ދެން.” ރައީސް ވިދާޅުވިއެވެ.
ނިލަންދޫ އެއާޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްގީކުރުމަށް އިއުލާނުކޮށްފަވާ 12 އެއާޕޯޓްގެ ތެރޭގައި ހިމެނޭ އެއް އެއާޕޯޓެކެވެ.
އެއާޕޯޓް މަޝްރޫޢުގެ އިތުރުން ވެސް އެ ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް މި ދަތުރުފުޅުގައި ވަނީ ފައްތަވާފަ އެވެ. އެގޮތުން މިއަދު ހެނދުނު ރައީސް ވަނީ އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމާއި ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅުމާއި ރަށުގައި ގާއިމުކުރައްވާ އާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން ކުނި މެނޭޖްކުރާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާފަ އެވެ.