ފ. ބިލެއްދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
ބިލެތްދޫ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަޝްރޫއުއަކީ 91.2 މިލިޔަން ރުފިޔާއަށް، 720 ދުވަހުގެތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ބިލެއްދޫ މަގުތައް ތަރައްގީކުރުމުގެ އިތުރުން، އެރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށާފައިވެއެވެ. އަދި ބިލެއްދޫގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ)ގެ ބިންގާވެސް ވަނީ އަޅާފައެވެ.
ބިލެތްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެެވެ.
ބިލެއްދޫގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.
މީގެއިތުރުން އެރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށްވެސް އެމްޓީސީސީއާ ހަވާލުކޮށްފައި ވެއެވެ. އެއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ރާފިއު އާއި އެމްޓީސީސީގެ މެނޭޖިންގ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.