ފ. ބިލެއްދޫ ރައްޔިތުން އެދޭވަރަކަށް އެރަށު ބަނދަރު ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެެއިން ބިލެއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ބިލެތްދޫގެ ބިން ބޮޑުކުރުމަށް، އެރަށު ބަނދަރުން ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ބިން ހިއްކައިދޭނެކަމަށެެވެ.
އަޅުގަނޑު ދޭނެ ޔަގީންކަމަކީ މިރަށުގައި ބަނދަރު ބޮޑުކުރުން ނުވަތަ ފުޅާކުރުން، ޖާގަ ތަނަވަސްކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި ޑިޒައިނަށް ގެނެވޭނެ ބަދަލުތަކެއް ގެނެސްގެން ރައްޔިތުންގެ އެކްސްޕެކްޓޭޝަންއަށް، ވީއެންމެ ފުޅާ މިނެއްގައި ނޫނިއްޔާ އުންމީދުތައް އެދޭ މިންވަރު ހާސިލްކޮށްދިނުމުގައި ބަނދަރު އަޅުގަނޑުމެން ހަދާނީ މިދެންނެވި ގޮތަށް ވިސްނައިގެން. ވީހާވެސް ބޮޑަކަށް ރައްޔިތުން އެދޭ ގޮތަށް” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާކޮށް، މިހާރު އޮތް ބަނދަރު ފުޅާކުރުމަށާއި ބޮޑުކުރުމަށް ގެނެވޭނެ ގިނަ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށެވެ.
ރައީސް ވިދާޅުވީ، ބިލެއްދޫގެ ތަރައްގީއަށް އެންމެ މުހިންމީ ބަނދަރު ބޮޑުކުރުމާއި ބިން އިތުރުކުރުންކަމަށެވެ. އެހެންކަމުން އެދެކަންތައްވެސް ކުރިޔަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަަ އަހަރަށް ލަފާކުރާ ބަޖެޓް ހުށައަޅާއިރު، ބިލެއްދޫގެ ތަރައްގީއަށް ކުރިޔަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް ސަމާލުކަން ދެއްވާނެކަމަށެވެ. ބަޖެޓިގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނީ އެރަށުގެ ބިން ހިއްކުމަށްކަމަށް ރައީސް ވިދާޅުވިއެެވެ.