ވ.ރަކީދޫގެ 80 އިންސައްތަ ރައްޔިތުން އެދޭނަމަ، އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފެލިދެ އަތޮޅު ރަކީދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.
ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ވ. ރަކީދޫ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި، ވ. ރަކީދޫގެ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވ. ރަކީދޫގެ ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވާފައެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެންކަމަށެވެ. އަދި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ވ. ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްގީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، ވ. ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.