ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ގޭދޮށު މަސްފެކްޓްރީއެއްވެސް އެޅިފައި ނުވާކަމަށާއި، ނަމަވެސް މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް އޭޓީއެމްތައް އަޅާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައްޔިތުންނަށް ދަތިވެ، ތަކުލީފަކަށްވެފައިވާ ކޮންމެ ކަމަކަށް އަވަސް ހައްލެއް ހޯއްދެވުމަށް ރައީސް ޑރ.މުއިއްޒު ރެއާއިދުވާލު ގެންދަވަނީ މަސައްކަތްކުރައްވަމުންކަމަށެވެ.
އޭޓީއެމްގެ ހިދުމަތް ރަށްރަށުން ލިބުމާއި، ކޮންމެ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރެވުން އެއީ އާދައިގެ ކަންކަންކަމަށް ބައެއް ސިޔާސީ ފަރާތްތަކަށް ހީވިއަސް، މި ސަރުކާރުން އެފަދަ ކަންކަން ކުރުން ހުއްޓާނުލާނެކަމަށް ސައީދު ވިދާޅުވިއެވެ.
“އައިނުފިހާރަ، އެއާ އެމްބިޔުލާންސް، ޑައެލިސިސް ސެންޓަރުތައް އިތުރުކޮށް، 23 ބާވަތުގެ އަސާސީ މުދާ ކަނޑައެޅުން، ސިޔާސީ ފަރާތްތަކަށް އާދައިގެ ކަންކަމައް ވެދާނެ. އަދި ވޭޕް މަނާކުރުން އެފަރާތްތަކަށް ގޯސްވެ ވެރިކަން ލިބިއްޖެނަމަ، ފުރަތަމަ ދުވަހު ހުއްދަކޮށް، ސިނގިރޭޓު ބޮޑުތަނުން އަގުހެޔޮކުރަން ވައުދުވާއިރު ވެރިކަން ކުރީންވެސް ލިބި މީންކަމެއް ރަނގަޅުކޮއްލުމުގެ ބަދަލުގައި، ފަސޭހަ ގޮތް އިޙްތިޔާރުކުރުމުގެ ނަތީޖާ ނޫންތޯ ސަލާމަތް ނުވާވަރަށް ގައުމު ދަރުވާލާފަ، ހިތު ހުރިވަރަކަށް ފައިސާ ޗާޕްކޮށް ރުފިޔާގެ އަގުވައްޓާލީވެސް!” އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުންވެސް އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ފެށުނީ ޒުވާބެއްކަމަށެވެ.
“ކުޑަމިނުން، ހުޅުވުނު ގޭދަށު މަސްފެކްޓްރީއެއް ނެތްތާ، ބްރިޖެއްގެ ތަނބުވެސް ޖަހާނުލެވުނު! އާދެ، އަދިވެސް އޭޓީއެމް ހުޅުވުން އިތުރުވާނެ، ބާރަށްކުރިޔަށް!” ސައީދުގެ ޕޯސްޓުގައި ވެއެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު، ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން އެކަމަށް ފާޑުކިޔައި، ވޭޕް ބޭނުންކުރަން ހިތްވަރު ލިބޭ ގޮތަށް އިދިކޮޅު އެމްޑީޕީން މިފަހުން ވަނީ ވާހަކަދައްކާފައެވެ.