ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް-ސަރވިސް އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
ވ. ރަކީދޫގައި މިއަދު ފެށި އޭޓީއެމްގެ ހިދުމަތާއެކު، އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މިހާރު އެ ހިދުމަތް ލިބޭނެއެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް ރަކީދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއުގެ ދަށުން، މިހާރު 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިފައިވާކަމަށެވެ. މިއިން ކޮންމެ އޭޓީއެމް އަކީވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއްކަމަށާއި، މިއީ ފަސޭހަކަމާއެކު އަސާސީ ބޭންކިންގ ހިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައިވެސް އޭޓީއެމްގެ ހިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 166 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 225 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް އެބޭންކުން ބުނެއެވެ.