ވ. ކެޔޮދޫ ކައިރީގައި އޮންނަ ފަޅު އެރަށު ކައުންސިލަށް ލިބޭނެގޮތް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ.
ކެޔޮދޫ ކައުންސިލުން މިކަމަށް އެދިފައިވަނީ، ރައީސް ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމުގެ މުހިންމުކަމާއި، ހެލްތު ސެންޓަރަށް މުވައްޒަފުން ލިބުމުގެ ދަތިކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގެ އިގްތިސާދީ ކުރިއެރުމަށް ކައިރީގައިވާ ފަޅު ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދުނެވެ.
މީގެއިތުރުން ސުކޫލުގެ، ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށްވެސް އެދުނެވެ. އަދި ކައުންސިލުން ވަނީ، އެރަށަކީ ލޯކަލް ޓުވަރިޒަމް ވަރަށްބޮޑަށް ކުރިއަރާފައިވާ ރަށަކަށްވުމުން، ޑޮލަރު އޭޓީއެމެއް ރަށުގައި ހުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.