ވ. ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލެއް އެޅުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ ކެޔޮދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
ކެޔޮދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ.
ކެޔޮދޫ ސްކޫލް އައު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން 11 ކްލާސްރޫމާއ،ި ސްޓާފްރޫމަކާއި ކޮމްޕިއުޓަރ ލެބެއްގެ އިތުރުން ސައިންސް ލެބެއް އިމާރާތްކުރާނެއެވެ.
މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 23.79 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.
އެމްޓީސީސީން ބުނީ، ކެޔޮދޫ އައު ސްކޫލާއެކު މިހާރު ސްކޫލް ކުދިންނަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބ،ި ކިޔަވާ ކުދީންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ. މި ސްކޫލްގައި ގާއިމުކުރާ ލެބޯރެޓަރީގެ ސަބަބުން ކިޔަވާ ކުދީންނަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.