ބިމުގެ ދަތިކަމުގެ ސަބަބުން ރަށްރަށައް އެހެނިހެން ކުރިއެރުން ހޯދަން ދަތިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ ކެޔޮދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ ބިން ހިއްކުންކަމަށެވެ. އަދި މިއީ ރަށުގެ ކުރިމަގާއި ގުޅިފައިވާ އެންމެ ބޮޑު މަސައްކަތްތަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރަށް އިސްކަންދީގެން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތަކެއް ފަށާފަވާއިރު، 2026ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެންމެ އިސްކަން ދެއްވާނީ ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތަށްކަމަށެވެ.
ރައީސް ވިދާޅުވީ، ބިމުގެ ދަތިކަމުގެ ސަބަބުން އެހެނިހެން ކުރިއެރުން ހޯދުމަށް ދަތިވާކަމަށެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫއުއާއެކު ލޯކަލް ޓުއަރިޒަމްގެ އިތުރު އެކި ފުރުސަތުތައް ފަހުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިޖަލްސާގައި، ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ގާއިމްކުރުމުގެ އެއްބަސްވުމާއި ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މިމަޝްރޫއުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އަލަށް ގާއިމުކުރާ ސިއްހީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެކަމަށާއި އެތަން ނިމޭއިރު ވިހި އެނދު ހުންނާނެކަމަށެވެ. ސްކޫލްގެ މަސައްކަތް ނިމޭއިރު ޖާގައާއި ހޯލާއި އެހެނިހެން ވަސީލަތްތައް ފުރިހަމަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަތަރު ބުރީގެ ސްކޫލްގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ކެޔޮދޫގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ކެޔޮދޫއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، މިއަދު އެރަށު ކައުންސިލް އިދާރާގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.