ވ. ފެލިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ. ފެލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފެލިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
ފެލިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ތަނުގެ ވަށާފާރު ރޭނުމާއި އޮފީސް ބްލޮކޮކާއި، ކުށްވެރިން ބައިތިއްބާނެ ބްލޮކެއް ގާއިމްކުރާނެއެވެ. އަދި ޕޮލިސް ސްޓޭޝަނެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ގާއިމްކުރާނެއެވެ.
މިއީ 13.43 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކުރި މަޝްރޫއުއެކެވެ.