އިޖުތިމާއީ ގޮތުންނާއި، އަހުލާ ގޮތުން މުޖުތަމައުތައް ފަސާދަ ވަނީ، މާތް الله ދެއްވި މަތިވެރި ނިއުމަތްތައް ހަނދާން ނައްތާލާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް الله އަށް އުރެދި ޣާފިލުވުމުންކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޙުތުބާ ހާއްސަކޮށްފައިވަނީ، “މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫއުއަށެެވެ.
ޙުތުބާގައި ބުނެފައިވަނީ، މުޖުތަމައު ގޯސްވުމުން، އެވާހަކަ ދައްކަނީވެސް ހަމަ އަހަރެމެންގެ ދޫތަކުންކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކުރުމަށް އިހުލާސްތެރިކަމާއެކީ މަސައްކަތްކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންތޯ ހުތުބާގައި ވަނީ ސުވާލުކޮށްފައެވެ. ނަމާދު ވަގުތުތައް ފާއިތުވެދާ އިރު، ނަމާދު އަޅައިފައި ކުޅިވަރުކުޅުމަށް ޒުވާނުންނާއި ކިޔަވާކުދީންނާއި، ޅަދަރީން މައިދާނަށް ދޫކޮށްފައިވަނީ އަހަރެމެން އަމިއްލައަށްކަމަށާއި، ނަމާދު އަޅައިފައި ދުންޔަވީކަންކަމުގައި މަޝްއޫލުވެ ތިބެނީ ވެސް އަހަރެމެން އަމިއްލައަށްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ، ހަރާމްގޮތުގައި ފައިސާ ހޯދައި، އެއިން ދިރިއުޅުން ބިނާކުރާ މީހުން އަހަރެމެންގެ މުޖުތަމައުގައި އުޅޭކަމަށެވެ. އެ ފައިސާއަކީ ހަަރާމް އެއްޗެއްކަމާއި، އެ ކައިގެން، ނުވަތަ އެއިން އަނބިދަރީންނަށް ހަރަދުކުރުމުން ނުކުންނަ ނޭދެވޭ ނަތީޖާއަކާ މެދު އަހަރެމެން ވަނީ ޣާފިލުވެފައިކަމަށް ހުތުބާގައި ބުންޏެވެ.
“ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައިވާ ގޮތުން ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެކެވެ. މި ކަމަކީ އެހައިމެ ބިރުހުރި ކަމެކެވެ. ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށް ޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ޚިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެންނެވެ. މުޖުތަމަޢުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތަކާއި ޞޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެންނެވެ. މި ކަންކަމަކީ އަހަރެމެންނަށް ޙައްލުކުރެވޭން ހުރި ކަންކަމެވެ. މިއިން ކަމެއްގެ ވާހަކަދައްކައި، އެކަމެއް ހުއްޓުވާންއުޅޭ މީހާ ވަނީ، އެހެން މީހުންގެ މިނިވަންކަމަށް އަރައިގަންނަ މީހެއްކަމުގައެވެ. އިންޞާފަކީ ފަހެ މިއީހެއްޔެވެ؟” ހުތުބާގައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ، އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޖިޝު ކަންތައްތައް އާންމު ވެއްޖެ ނަމަ، އެ މުޖުތަމައެއް ފަސާދަވެ ފަނާވެދާނެކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމައެއްގެ އެންމެހައި ފަރުދުންނާއި، ޖަމާއަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށެވެ.
ހުތުބާގައި ވަނީ މުޖުތަމައުގައި ހިނގާ ނޭދެވޭ ބައެއް ކަންކަން ފާހަގަކޮށްފައެވެ.
“އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަގޮތަކީ، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުމާއި، މިފަދަ ކަންކަންކުރުމެވެ. މިފަދަ މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މިކަންކަމާމެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟” ހުތުބާގައި ބުނެފައި ވެއެވެ.
އެފަދަ ކަންކަންކުރާ މީހުން ހައްގުގެ މަގަށް އެނބުރި އައުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.