ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ސަރުކާރުން ކުރިއަށް ގެންދާ ‘ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް’ ހޮވުނު 343 ޒުވާނުން ތަމްރީނަށް ގޮސްފި އެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ.. މުހައްމަދު މުއިއްޒު ވަނީ އެ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ.. މުހައްމަދު މުއިއްޒު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަމްރީނަށް ދިޔައީ ޕްރޮގްރާމަށް ކުރިަމތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުން ކަމަށެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ 107 ރަށަކުން، އަުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެނުން ނެވެ.
“މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް މަރްޙަބާ ދަންނަވަން!” ރައީސް ވިދާޅުވި އެވެ.
މި ޚިދުމަތުގެ މަގްދަސުތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ:
- ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން
- ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން.
- ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން.
- ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
- ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.
- ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.
މިއީ އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ތެރެއިން މިލިޓަރީއާ ގުޅުންހުރި ދާއިރާތަކުން 5،000 ވަޒީފާ އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.