ތުލުސްދޫގައި އަޅާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
ތުލުސްދޫގައި އިމާރާތްކުރަނީ 30 އެނދުގެ އިމާރާތެކެވެ.
މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އެމްޓީސީސީން ބުނީ، ހޮސްޕިޓަލް އަޅާ ސަރަޙައްދު ސާފުކުރުމާ ފެންސް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އަމަލީ މަސައްކަތަށް ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތްކަމަށް އެކުންފުނިން ބުނެއެވެ. އަދި މިމަހުގެ ފަހު ހަފްތާގައި އަމަލީގޮތުން އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރާއިރު 1،729.12 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރާނެއެވެ.
މިމަޝްރޫއުގެ ދަށުން ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް ތަރައްގީކުރުމަށް ހަަމަޖެހިފައިވެއެވެ. އަދި ލެބޯރެޓަރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.