ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ ޝާހު މާހިރު އައްޔަނުކޮށްފިއެވެ.
މި މަގާމަށް ޝާހު މާހިރު އައްޔަނުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ފާމަސޫޓިކަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޯޑަށް ދެ މެމްބަރަކު ވަނީ އައްޔަންކޮށްފައެވެ.
އެއީ، މ. ކުރެއްދޫގޭ އާއިޝަތު މުޙައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ (ފްލެޓް ނަމްބަރ 1-3-10) އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފެއްދެވީ، މި ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު އެވެ.
މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.