މި ސަރުކާރުން، ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާނުލާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުން ފާސްކުރި ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ މިވަގުތަށް މުހިންމު ބިލެއް ނޫންކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި އެކަން ސަރުކާރުން ކުރައްވަނީ އަމިއްލަ ބޭނުމެއް އޮވެގެންކަމަށާއި މި ބިލާއެކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ދައުރު ދަންމާލާނެ ކަމަށް އެ މެންބަރުން ތުހުމަތުކުރައްވައެވެ.
މިކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަދައްވަމުން ފަލާހު ވިދާޅުވީ، މި ބިލަކީ ރައްޔިތުންގެ ހިޔާލު އެކިކަންކަމުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށް މުހިންމު ބިލެއް ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު މި ބިލުގެ ސަބަބުން އެކަންކަން ތަފްސީލުކުރެވިގެންދާ ކަމަށް ވިދާޅުވިއެވެ. މިއީ އެ ގާނޫނުއަސާސީއާއެކު އަންނަންޖެހޭ ބިލެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ސަރުކާރުން ދައުރު ދަންމައިލަން ނޫޅޭ ކަމަށާއި ވޯޓަށް އަހާނީ މި ހިނގާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެކީގައި ބޭއްވުމަށް ކަމަށެވެ.
“ވަރަށް ސާފު މި ބިލު. މި ބިލަކު ނެތް. ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނެ. ރައީސުލްޖުމްހޫރިއްޔާ ކުޑަކޮށް ވެސް ތާއީދެއްް ނުކުރާނެ،” ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގައި ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާއި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްކަމަށްކަމަށެވެ. މި ބިލުގައި ވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ގައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.