ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ބަންދުކުރެވުނު ޕާކިން ޒޯނުގެ ބައެއް މިއަދުން ފެށިގެން ވަގުތީ ގޮތުން ހުޅުވާލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
ވީއައިއޭގެ އިރުމަތީ ފަރާތު ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރެވޭ ގޮތަށް ބަންދުކުރުމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ނިންމީ އާ ޓާމިނަލް ހުޅުވުމާ ގުޅިގެން، ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން އޭރު ބުނީ ޕާކުކުރުން ބަންދުކުރީ ވަގުތީ ގޮތުން ކަމަށެވެ. މިކަމުގެ ސަބަބުން އެއާޕޯޓު ބޭނުންކުރާ ފަރާތްތަކާއި މުވައްޒަފުން ދަނީ ޝަކުވާ ކުރަމުން ނެވެ.
‘އެތެރެފުށަށް” މައުލޫމާތު ދެމުން އެމްއޭސީއެލް އިން ބުނީ ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ތެރެއިން އާ ޓާމިނަލް ކުރިމަތީގައިވާ ބިމުގެ ވަކި ސަރަހައްދެއްގައި ޕާކު ކުރަން ހުޅުވާލާފައިވާ ކަމަށެވެ.
އެއާޕޯޓުގައި ޕާކްކުރުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެމްއޭސީއެލުން ވަނީ މާލެ އަދި ހުޅުމާލެ އިރުމަތީ ސަރަހައްދުގައިވާ ޕާކިން ޒޯނަށް ފަސޭހައިން ވަދެވޭނެ ގޮތަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ހަރުކޮށް، ފެރީ އަދި ބަސް ދަތުރުތައް ފުޅާކުރުމަށް ނިންމާފަ އެވެ.