އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގަތަރަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ސަމިޓް ކުރިއަށްދާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓްގައި، ރައީސް ބަޔާނެއް އިއްވަވާނެއެވެ.
މި ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަކީ، ރާއްޖެއިން ގަތަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެކެވެ. އަދި އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް މިކަމުން ބާރުދޭކަމަށް ރައީސް އޮފީހުން ބުނެއެވެ.
“މި މުނާސަބު ވަގުތުގައި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ގައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.” ރައީސް އޮފީހުން ބުނެފައި ވެއެވެ.
މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.