ރާއްޖޭގެ ޝަރުއީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް އެދާރިއާއަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ޖުޑިޝަރީ މިނިވަންކަމާއެކު ކުރުޔަށްގެންދިޔުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުންކަމަށެެވެ. އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ލިބިގެންދާނެ ބޮޑު ބަދަލެއް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި. އަދި އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.