ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިސްލާހު ގެންނަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާންކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށްޓަކައި، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާޙުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަކުރެއްވުމަށްޓަކައި، ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޞްލާޙު ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދުތައް އިޞްލާޙުކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.