ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ މަޝްރަހު އާންމު ހާލަތަށް އަނބުރާ ރުޖޫއަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ނޭޕާލުގައި އުޅޭ ދިވެހިންގެ ކިބައިން އެދިފައެވެ. މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ ދިވެހިންނާއި އަދި ދަތުރުފަތުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީ، ޒަރޫރީ ބޭނުންތަކަށް ނޫނީ މަގުމައްޗަށް ނުނިކުތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
“މީގެ އިތުރުން، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު، ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.” ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ބުނީ، ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއި، ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.