މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއުއަށް، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން 10 މިލިއަން ޑިލަރުގެ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ލިބޭނެއެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސްއެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މރ. ޓަކި މޮޓޮއޯ އެވެ.
މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި އެހީގެ އެއްބަސްވުމަކީ 26 ޖުލައިގައި ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ސޮއިކުރި އެއްބަސްވުމެކެވެ. މި މަޝްރޫއުގެ މަގްސަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިޤްތިޞާދީ ހަރަކާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަން ހަރުދަނާ ކުރުމެވެ.
މި ރަސްމިއްޔާތުގައި މރ. ޓަކި މޮޓޮއޯ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ޖަޕާނުން ދިވެހިރާއްޖެއަށް ދެމުން އަންނަ ދިގު މުއްދަތުގެ އެހީތެރިކަމުގެ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި 1988 އިން 2006 އަށް ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫޢުތަކުގެ ސަބަބުން، 2004 ޑިސެންބަރު ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އައު މަޝްރޫޢުގެ ދަށުން ތޮށިގަނޑު ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ޚާއްސަ ނިޒާމުތައް ތަޢާރަފުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން ހަރުދަނާކުރެވޭނެކަން ރެސިޑެންޓް ރެޕްރެޒެންޓެޓިވް ފާހަގަކުރެއްވިއެވެ.
ޑެޕިއުޓީ މިނިސްޓަރ މިރާސް ވިދާޅުވީ، މި މަޝްރޫޢަކީ ފެނާ ގުޅުންހުރި ކާރިސާތަކުގެ އިތުރުވަމުންދާ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު ރައްކާތެރިކަމެއް ލިބި، އެމީހުންގެ ސަލާމަތްތެރިކަމާއި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށްދޭނެކަމަށް ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމިކޯ އާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ޚާރިޖީ ވުޒާރާ، އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.