ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ވިދާޅުވި، ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ގްރޯއިން އިންސްޓޯލްކުރުމުގެ މަސައްކަތް 88 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ޖިއޯ ބޭގް ރިވެޓްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތުގެ 48 އިންސައްތައިގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތާއެކު ގުޅީގެ ބިން ދެ ގުނައަށް އިތުރުވާނެއެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އެ މަޝްރޫއުގެ މަސައްކަތުގައި ހިމެނޭ ބިންހިއްކުމުގެ %95 ނިމިފައިވާކަން މީގެ ކުރިން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެ ރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން އެ ރަށުން ބިން ދޫކުރީ 2003 ވަނަ އަހަރުއެވެ. އެއީ އެންމެ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައިކަން ފާހަނގަކޮށްލަން ޖެހެއެވެ.