ޝަކުވާ ކުރައްވަން ބޭނުންނުވާ ކަމަށާއި އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ވަނީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. މިހެންވެ، އެމްޑީޕީން މަހުލޫފު ވަކިވެވަޑައިގެންނެވީ ސަރުކާރުގެ މަގާމަކަށް ދިއުމަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ. ނަމަވެސް ފޭސްބުކްގައި މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ ކަމަށާއި ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތް ކަމަށެވެ. އަދި ދެގޮތެއް ނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ވެސް ނެތް ކަމަށް މަހުލޫފު ވިދާޅުވެފައިވެއެވެ.
“ނިންމަން ވަރަށް އުނދަގޫވި ނިންމުމެކެވެ. ނަމަވެސް، ވަކިވެގެންމިދަނީ ކީއްވެގެންކަން، ޝަކުވާއެއްގެ ގޮތުގައި ކުރާކަށްނެތީމެވެ. އެކަން އެގެންޖެހޭ ފަރާތްތަކަށް ސާފުވާނެކަން އަޅުގަނޑަށް ޔަގީނެވެ،” އޭނާ ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ މިއަދުގެ ނިންމުމާއެކު މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށާއި ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މައާފަށް އެދޭ ކަމަށެވެ. އަދި ގިނައިން ފާޑުކިޔާފައިވަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ގޮތުގައި ހުންނަވައި، ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު މަހުލޫފު އެމްޑީޕީގެ މަސައްކަތްތަކުގައި ބައިވެރިވާން ފެށީ 2015 ވަނަ އަހަރުއެވެ.