ދިވެހިރާއްޖޭގެ އެންމެ ބޮޑު މެރައިން ރިސާރޗް ސެންޓަރު ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ހުޅުވައިފިއެވެ
މި ރިސަރޗް ސެންޓަރު ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާއްޓައި ބެހޭ ވަޒީރު ތާރިގް އިބްރާމްއާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު
މޫސާއެވެ. މިރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާންއާއި ޗީފް އޮފް ޑިފެންސް ފޯރސް އިބްރާހިމް އިލްމީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ރިސޯޓުގެ އިސްވެރިންނާއި ރިސަރޗް ސެންޓަރގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ
މި ސެންޓަރަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ އެކި ކަންކަން ދިރާސާކޮށް ދެނެގަތުމާއި، މޫސުމަށް އަންނަމުން ދާ ބަދަލުތަކާއެކު ކަނޑުގެ ދިރުންތައްކައް އަންނަމުން ދާ ބަދަލުތަކާއި މުރަކަތަކަށް ދިމާވާ މައްސަލަތައް ދިރާސާކުރުމަށް ޤާއިމްކޮށްފައިވާ މަރުކަޒެކެވެ. ޗަމްޕަރ ބްރަދަރސްގެ ޗެއަރމަން މުޙައްމަދު މޫސާ ވަނީ މިފަދަ ސެންޓަރެއް ހުޅުވުމަކީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރުވާއިރު ވަރަށް މުހިންމުކަމެއް ކަމަށާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް މުހިންމުކަމެއްކަމަށް ފާހަގަކުރައްވާފައެވެ
މި ރިސަރޗް ސެންޓަރުގައި ތަފާތު ދިރާސާތައް ކުރުމަށް ލެބޯޓަރީތަކާއި ކަރަންޓީން ފެސިލިޓީތަކާއި ކިޔަވައިދޭ ކުލާސްރޫމްތައް ޤާއިމްކޮށްފައިވެއެވެ. ރާއްޖެއިން ބޭރުގެ އަދި ރާއްޖޭގެ ޔުނިވަރސިޓީތަކުގެ ތަފާތު ދިރާސާތަކަށް މިތަން ބޭނުންކުރެވޭނެކަމާއެކު، ރިސާރޗްގެ ދާއިރާއިން ކިޔަވައި ދަރިވަރުންނަށް އަމަލީ ގޮތުން ބޭނުންވާ ތަމްރީނުތައް މިތަނުން ފޯރުކޮށްދެވޭނެކަމަށް މުޙައްމަދު މޫސާ ވިދާޅުވިއެވެ
މި ރިސަރޗް ސެންޓަރު ހުޅުވުމާއި ގުޅުވައިގެން ރާއްޖެއިން ބޭރުގެ ޕްރޮފެސަރުންނާއި ސައިންޓިސްޓުން ބައިވެރިވެގެން ވޯކްޝޮޕެއް ވަނީ ފަށާފައެވެ