ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް އެމްއޭސީއެލާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. 8 ސެޕްޓެމްބަރު 2025 ގައި ބާއްވަން ހަމަޖެހިފައިވާ މި އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަރަކާތުގައި އެފެކްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމަޖެންސީ ހާލަތު އަސްލަކަށް ބަލައިގެން އެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވިފައިވެއެވެ. އަދި ހަރަކާތް ނިންމާލުމަށްފަހު ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމަށް މަޝްވަރާ ކޮށްފައިވެއެވެ
މި ހަރަކާތުގައި އެމްއޭސީއެލްގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކާއި 18 އިދާރާއަކުން 80 ބޭފުޅުން ބައިވެރިވެފައެވެ. މި ހަރަކާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންވެސް ބައިވެރިވެވަޑައިގެންފައިވާކަން ފާހަނގަ ކޮށްލަންޖެހެއެވެ
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ. ވީއައިއޭގައި އެފެކްސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުކަމުން، މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެއެވެ
