ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީ ދައްކާނެ ކަމަަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ
މިނިސްޓަރު މިހެން ވިދާޅުވީ އޭލެވަލްއަށް ކިޔަވަން އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލާއި ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ސްކޫލަކަށްވަންނަށް ނޭދި، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖާގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށާ ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ
އެގޮތަށް އެކަން ކުރާނަމަ ގްރޭޑް 1 ން ފެށިގެން 10 އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަ ގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށް ވެސް ފީދައްކަން ވާނެ ކަމަށާ ނަތީޖާއަކީ އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަޤާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިޢާޔަތްކޮށް ބައެއް ދަރިވަރުންނަށް އެހީދޭ ކަމަށާ ނަމަވެސް ރާއްޖޭގައި އެފަދަ ހާލަތެއް ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ބައެއް ސްކޫލް އިންޓަރނޭޝަނަލް ލޭބަލްގައި ހިންގިޔަސް، ހަގީގަތަކީ ނިޒާމު ގާއިމުކޮށްފައިވާގޮތުން ސާނަވީ ފެންވަރު އިމްތިހާނު ހަދާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީވެސް އިންޓަރނޭޝަލް ސްޓޭންޑަޑުގެ ސްކޫލްތައް ކަމަށެވެ