ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅޭ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ
އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ފުލުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމުގައި އެއާޕޯޓުގައި މިހާރު ހަދާފައިވާ އެމަޖެންސީ ޕްލޭންއާއި އެ ޕްލޭން ތެރޭގައި ހުރި މުއައްސަސާތަކުގެ ޒިންމާތަކާއި އެމަޖެންސީ ހާލަތެއްގައި އެއާޕޯޓްގައި ހިންގަން ފަށާ އެމަޖެންސީ ވަސީލަތްތައް އަދި އެއާޕޯޓުގައި ގާއިމުކޮށްފައިވާ އިންސިޑެންޓް ކޮމާންޑް ސްޓްރަކްޗާއާ ގުޅޭ މައުލޫމާތު ދީފައިވެ އެވެ. އޭގެ އިތުރުން އިމަޖެންސީ ހާލަތުގައި ފުލުހުންގެ ދައުރު ފާހަގަކޮށްދީފައިވެއެވެ
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމުގައި ފުލުހުންގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކުން އެކި ފަންތީގެ 86 ފުލުހުން ބައިވެރިވެފައިވެއެވެ
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ