ގައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ގައުމީ ހެދުމުގައި ވަޒީފާއަށް ނިކުމެއްޖެއެވެ
އެމްއޭސީއެލުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ފާހަގަ ކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުން ސަގާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ހެދުން ދައްކާލާފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުން ގައުމީ ހެދުމުގައި ތިބި މަންޒަރު އެމްއޭސީއެލުން “އެކްސް”ގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެނެއެވެ. ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ފަހުރުވެރި “ގައުމީ ދުވަސް” ގެ ގޮތުގައެވެ
މި ދުވަސް ފާހަގަކުރަނީ ރާއްޖެ 15 އަހަރާއި ހަ މަސް ދުވަސް ފަހުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރި ނަސްރާއި، އައްސުލްތާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި، އަދި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އާ ކުރުމަށެވެ