ފުލުހުން ބުނީ ސައްހަ ނޫން ތައުލީމީ ސެޓްފިކެޓުތަކެއް އުފެއްދި މައްސަލަތަކެއް ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުން ކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ
ފުލުހުން ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ކަމަށާއި، އެފަދަ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮޕެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރު ކުރާނެ ކަމަށެވެ. މި މައްސަލަ ދަނީ ފްރޯޑް އެންޑް ފައިނޭންޝިއަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ
ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުމާއި ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ބުންޏެވެ
އެފަދަ ކަންކަމަށް ވަޒީފާ ދޭ ފަރާތުންނާއި ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކުގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓުގެ ސައްހަކަން ކަށަވަރުކުރުމަށް، ވަޒީފާ ދޭ ފަރާތާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ
މީގެއިތުރުން، ސައްހަނޫން ސެޓްފިކެޓް ބޭނުންކޮށް ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް އާންމުވެފައި ވާކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައި ވެއެވެ