ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް 1 އިން ބިއޯންޑް އެއަރލައިންއަށް ހިދުމަތް ދިނުން މިއަދު ފަށާފައިވެއެވެ. މިއީ ޓަރމިނަލް 1 އިން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއަރލައިން ކަމަށާއި، ޓަރމިނަލް 1 އިން ހިދުމަތް ދޭން ފެށި ތިންވަނަ އެއަރލައިން ކަމަށް ވެއެވެ
އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑް މެމްބަރުން، ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ލަމްޢާން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި މީގެ އިތުރުން ބިއޯންޑްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް އަހުތަރުއާއި ބިއޯންޑްގެ ސްޓޭޝަން މެނޭޖަރ ޙުސެއިން ފަޔާޒު ބައިވެރި ވެފައި ވެއެވެ
މިއަދުގެ ރަސްމިއްޔާތުގައި ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑް އިން ފުރި 43 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެއާލައިނެކެވެ
ޓާމިނަލް 1 އިން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށާފައެވެ. މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއަރލައިނަކުން ޓަރމިނަލް 1 އަށް ބަދަލުވާނެ ކަމަށާއި ރާއްޖެއަށް ދަތުރު ކުރާ ހުރިހާ އެއަރލައިންތަކަށް އެންމެ މަތީ ފަންތީގެ ހިދުމަތް ދިނުމަކީ އެމްއޭސީއެލްގެ އަމާޒު ކަމަށް ވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1