ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށެވެ
ރައީސްގެ ވާހަަކަފުޅުގައި، ލާމަރުކަޒީ ގާނޫނަށް ގެންނަ މުހިންމު ހަތަރު ބަދަލެއްގެ ވާހަކަ ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައި ވެއެވެ. އަދި އެ އިސްލާހުތަކަކީ މާލީ ބާރުވެރިކަން ނިގުޅައިގަންނަ އިސްލާހުތަަކެއް ކަމަށް 50 އަށް ވުރެ ގިނަ ކައުންސިލާއި، އިދިކޮޅު އެމްޑީޕީން ދެކެމުންދާ ކަމަށް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރިކުރުމާ ގުޅޭ ގޮތުން އިސްލާހު ގެނައީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ހިމާޔަތްކުރުމަށް ކަމަށާއި، ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކަށް ނަގަމުންދިޔަ ކުއްޔަށް ބަދަލުގެނައީ ރައްޔިތުންނަށް އެ ހިދުމަތްތަކުގެ އަގު ބޮޑުވެގެންދާތީ ކަމަށެވެ
އަދި އާމްދަނީ ހޯދަން ކަންކަން ކުރާއިރު އެ ވިޔަފާރިން ލިބޭ ފައިދާ އިން ޓެކްސް ދައްކަން ޤާނޫނުން ލާޒިމްކުރާ އިރުވެސް ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ނުދައްކާ ކަމަށެވެ. އެހެންކަމުން ގެންނަ އިޞްލާޙުގެ ސަބަބުން ޓެކްސްދައްކަން ކައުންސިލްތަކަށް ލާޒިމްވާނެ ކަމަށެވެ. އަދި ޓެކްސް ނަގަނީ ރައްޔިތުން ބާރުވެރި ކުރުވަން ކަމަށާއި، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭން ކަމަށެވެ
ރައީސް ވިދާޅުވީ ހަތަރުވަނަ އިސްލާހަކީ ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ހާމަނުކުރާތީ ގެނައި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން އެކައުންޓަށް ޖަމާކުރާ ފައިސާގެ މައުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ހިއްސާ ކުރަން ޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ