ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅުގެ ދަތުރު ނިންމަވާލައްވައިފިއެވެ
ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ކޮންމެ ދިވެހި ރައްޔިތަކީ ވެސް ހަމަހަމަ އަދި މުހިއްމު ރައްޔިތެއް ކަމުގައި ބައްލަވައި ހިދުމަތްތައް ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ދަތުރު މިއަދު ވަނީ ނިންމާލާފައެވެ
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަށް ކަންކަން ކޮށްދެއްވުން ކަމަށެވެ. “އަޅުގަނޑުމެން މި ވިސްނަނީ ކުރިން އިސްކަން ނުދެވި ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެ ކުޑަވިޔަސް އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަ ކަމާއެކު ކަންކަން ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ،” ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މާޅޮހުގައި ކުރިއަށްދާ މަސައްކަތްތަކާއި ކުރިއަށް ހުރި މަސައްކަތްތަކުގެ ތަފްސީލްތައް ދެއްވުމަށް ފަހުގަ އެވެ. އެ ރަށުގައި މިއަދު ޕޮލިސް ޕޯސްޓެއްގެ ބިންގާ އަޅާފައި ވާއިރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ވެސް ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ހަވާލުކޮށްފަ އެވެ
މީގެއިތުރުން، ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ފަށާފައި ވާއިރު މިއީ ފައިސާ ނެގުމަށް ބޮޑު ހަރަދެއް ކޮށްގެން ކުރަން ޖެހޭ ދަތުރުތަކަށް ނިމުން ގެނުވާނެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. 13 ރަށަކަށް ވަޑައިގެން ރައީސް މި ދަތުރުފުޅު ނިންމާލާފައިވަނީ، ބ. އަތޮޅުގެ ރަށްރަށުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި އަދި އަލަށް އެކި މަޝްރޫއުތައް ފައްޓަވާދެއްވުމަށްފަހުއެވެ