މި ޓާމިނަލުން ފުރި ފުރަތަމަ ބައިނަލްއަގްވާމީ އެއާލައިނަކަށް އެއާ އަރަބިއާ ވެގެން ދިޔައިރު، އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހެވެ.
އެމްއޭސީއެލުން ކުރި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކަކުން ފުރަތަމަ ފުރުމަށް އެއާ އަރަބިއާގެ ފަސިންޖަރުން ފަސޭހަކަމާ އެކު ޗެކް-އިން މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެއާ އަރަބިއާ އެއާލައިނަކީ ވެލާނާ އެއާޕޯޓްގެ އާ ޓަމިނަލް ބޭނުން ކުރަން ފެށި ބައިނަލްއަގްވާމީ ދެވަނަ އެއާލައިން: ފޮޓޯ: އެމްއޭސީއެލް
ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފުމުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުމުހައްމަދު ލަމްޢާން އަދި އެއާ އަރަބިއާގެ މެނޭޖަރު އެއާޕޯޓްސް – ސައުތް އިންޑިއާ، ބެންފަސްވެލިޔަތް ޝަމްސުއްދީންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އެއާ އަރަބިއާގެއޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާއަރަބިއާ އިން ފުރި 171 ފަސިންޖަރުންނަށް ވަނީ ހަދިޔާ ބަހައިފައެވެ. އަދި ޓާމިނަލް 1 އަށްކައިރި ކުރި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެފްލައިޓުން ރާއްޖެ އައި 165 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާ އަރަބިއާ އެއާލައިނަކީ ވެލާނާ އެއާޕޯޓްގެ އާ ޓަމިނަލް ބޭނުން ކުރަން ފެށި ބައިނަލްއަގްވާމީ ދެވަނަ އެއާލައިން: ފޮޓޯ: އެމްއޭސީއެލް
އެއާ އަރަބިއާއަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިނެކެވެ. އެ އެއާލައިނުން ޔޫއޭއީގެ ޝާރްޖާ އާއި މާލެއާ ދެމެދު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބާއްވައެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެ އެއާލައިނުން ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމައިފައެވެ.
އާ ފަސިންޖަރު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށިތާ ހަފްތާއެއްގެ ތެރޭގައި 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އެ އާ ޓާމިނަލުން ވަނީ ހިދުމަތް ދީފައެވެ.