ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު ހޯދަމުން އެ މަގާމަށް ކުރިމަތިލައްވައިފި އެވެ
ހައި ކޯޓުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިހާރު ވަނީ އައްޔަންކޮށް ފަނޑިޔާރުކަމުގެ ހުވާ ވެސް ކުރައްވައިފަ އެވެ. ނަމަވެސް އޭނާއާ އެކު ދެން ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި މުހައްމަދު ޝަހީދު ނަން އަނބުރާ ގެންދެވެމުން އިތުރު ބޭފުޅަކު ހޯދުމަށް އަލުން އޮތީ އިއުލާނުކޮށްފަ އެވެ
ޝަހީދު އަކީ ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވައި އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި މަގާމަށް ކުރިމަތިލެއްވި އިރު ވެސް ޕީއެންސީ މެންބަރުންގެ ދަފްތަރުގައި އޮތް ބޭފުޅަކަށް ވުމުން ވަރަށް ގިނަ ފާޑުކިޔުން ތަކާއި ކުރިމަތި ލާން ޖެހުނެވެ. ޝަހީދުގެ ނަން އަނބުރާ ގެންދެވީ މި ސަބަބުތަކައްޓަކާއި ހުރެއެވެ