އެންއައިއިސީ އިން ބުނެފައިވަނީ ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި މީގެ 11 މަސް ކުރިން ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހުގީގުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ގަބޫލު ކުރެވޭތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ފަށާފައިވާކަމަށެވެ
ޕީޖީ އޮފީހުގެ އޮފިޝަލެއް މިއަދު ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ކަންކަން އެންއައިސީ އިން ބަލައި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އޮތީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް އޭނާ ބުނެފައިވެއެވެ
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެންއައިސީ އިން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެ އެވެ