ކުރިމަތިވި ޓެކްނިކަލް މައްސަލައެއް ހައްލުކޮށް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި އެވެ
ގާތްގަނޑަކަށް ހެނދުނު 9:45 ހާއިރު މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އަދި މައްސަލަ ހައްލުކުރަން އެކުންފުނިން ވަގުތުން މަސައްކަތް ފަށައި މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިނެވެ. އޭގެ ފަހުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދީ އިތުރު ސަރަހައްދުތަކަށްވެސް ކަރަންޓު ދިނުމުގެ މަސައްކަތް އެކުންފުނިން އައީ ކުރަމުންނެވެ
ގާތްގަނޑަކަށް ދެ ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މިހާރު މުޅި މާލެއާއި ހުޅުމާލެއަށްވެސް ވަނީ ކަރަންޓު ދީފައެވެ. ކަރަންޓު ކެނޑެން ދިމާވީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ސްޓެލްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ
ކަރަންޓުގެ ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެކުންފުނިން ވަނީ އެދިފަ އެވެ