އއ. އަތޮޅުގައި އޮންނަ “ރަންފަރު” ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް މިގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ރައީސްގެ ގަރާރުގައި،ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ “ރަންފަރު” ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކުރައްވާފައެވެ. ރައީސް ވަނީ އަރިއަތޮޅު އުތުރުބުރީ “ރަންފަރު” ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ވެސް ކަނޑައަޅުއްވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކުރައްވައިފައެވެ.
މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަކީ ޑިސެމްބަރު 2024 ގައި ރައީސް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މި ނިންމުމާއެކު ރައީސް ވަނީ އެ ވައުދުފުޅު ފުއްދަވާފައެވެ.