ސަރުކާރުގެ “މަގޭ ސޯލާ” މަޝްރޫއުއާ އެކު ކަރަންޓުގެ އަގު ބަދަލުވެ އެފްޝިއެންޓް ކުރެވޭނެ ކަމަށް އެންވަޔަރަމެންޓް ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ތޯރިގް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނާޒިލް ކުރެއްވި ސުވާލުގައި ވިދާޅުވީ ކަރަންޓުގެ ހޭދައަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ރައްޔިތުންގެ ޝަކުވާއަކީ ބިލް ބޮޑުވެގެން ދިއުން ކަމަށެވެ. އެކަމާ ގުޅިގެން އެނާޖީ އޮތީރިޓީއާ މަޝްވަރާ ކުރައްވާފައިވޭތޯ އާއި ބިލް ބިޑުވުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވިފައިވޭތޯ ސުވާލު ކުރެއްވެވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރައްޔިތުންގެ ކަރަންޓުގެ ބިލް ކުޑަކުރެވޭނެ ގޮތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބެލި ބެލުމުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓު ބިލް ބޮޑުވާ ސަބަބެއް ކަމުގައި ދިމާވާ އެއް ކަމަކީ ރާއްޖެ އެތެރެކުރާ ތެލަށް ބޮޑު ހަރަދެއް ކުރަންޖެހި އެ އެފިޝިއެންޓްކޮށް ޖެނެރޭޓްކުރަން ޖެހުން ކަމަށެވެ.
“އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަރަންޓު ޓެރިފާއި އެފިޝިއެންސީ ރަނގަޅު ކުރުމަށް. އަމިއްލަ ފަރާތްތަކަށް ކަރަންޓު ބިލް ކުޑަކުރުމަށް މި ވަނީ މާގޭ ސޯލާގެ ނަމުގައި ރޫފް ސޯލާ ސިސްޓަމްތައް ހަރުކުރުމުގެ މަޝްރޫއު ފެށިފައި. އެއާއެކު ކަރަންޓު ބިލަށް ކުރާ ހޭދަކުޑަވާނެ. އެ މަސައްކަތް ކުރެވުމުން ކަރަންޓުގެ އަގު ބަދަލު އެފިޝިއަންޓް ކުރެންވޭނެ.” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ޖެނަރޭޝަން ކެޕޭސިޓީއަށް ބަލާއިރު ހާއްސަކޮށް ރެސިޑިންޝަލް ޔުނިޓަށް ބަލައި ގާތްގަނޑަކަށް 500 ޔުނިޓަށް އަރާއިރުވެސް ޖަރެނޭޝަންގައި ހުންނަ ޓެރިފް އަދަދުތަކަކީ ޖަނަރޭޓްކުރަން ބޭނުންވާ އަދަދަށްވުރެ މާ ކުޑަ އަދަދެއް ކަމަށެވެ. އެހެންކަމުން އެކަން ރަނގަޅު ކުރެވޭނީ މުޅި ސިސްޓަމް އެފްޝިއެންޓް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.
ސޯލާ ރިނިއުބަލް ސިސްޓަމް މުޅި ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަނީ އެ މައްސަލަ ހައްލުކުރުމަށް ކަމަށާއި އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ސަރަހައްދުތަކުގައި އުފައްދާ ކަރަންޓުގެ 31 އިންސައްތަކަކީ އިޔާދަކުރެވެނި ހަކަތަށް ހެދުމަށް މަސައްކަތް ފަށާފައި ކަމަށް ވިދާޅުވިއެވެ.