ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެން މައްސަލަތައް ރިޕޯޓްކުރެވޭ ގޮތަށް ތައާރަފް ކުރި އޮންލައިން ޕޯޓަލް “އިމިގްރޭޝަން ވޮޗް” އަށް ތިން މަސް ތެރޭގައި 840 މައްސަލަ ހުށަހަޅައިފި އެވެ.
“އިމިގްރޭޝަން ވޮޗް” ގެ ނަމުގައި އެ ޕޯޓަލް ތައާރަފުކުރީ މިދިޔަ ޖުލައި 17 ގަ އެވެ.
އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ވިޔަފާރިކުރާ މައްސަލަ އެވެ. ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ.
ގާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރި ފަށައި ވަރަށް ފުޅާކޮށް ހިންގަމުން ދިޔަ ތަރުކާރީ އާއި މޭވާގެ ވިއްކާ ތަންތަނާއި ގެސްޓް ހައުސްތައް އަދި ކެެއިންބުއިމުގެ ހިދުމަތްދޭ ބައެއް ތަންތަން އިމިގްރޭޝަންގެ އޮޕަރޭޝަންގައި ވަނީ ބަންދުކޮށްފަ އެވެ. އެތަނުގައި މަސައްކަތް ކުރި ގިނަ ބަޔަކު ހުއްޓުވައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައިވެ އެވެ.
ޕޯޓަލްއަށް ހުށަހެޅި މައްސަލަތައް
– ގަވައިދާ ހިލާފު ވިޔަފާރިކުރާ 221 މައްސަލަ
– ވިސާ ނެތް ބިދޭސީންނާ ގުޅޭ 206 މައްސަލަ
– ހަށި ވިއްކުމުގެ 50 މައްސަލަ
– ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 7 މައްސަލަ
– އިންސާނީ ވަގު ވިޔަފާރި 7 މައްސަލަ
https://x.com/ImmigrationMV/status/1846759023145599107?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1846759023145599107%7Ctwgr%5E2018057250c5659b731aaceb9f853624483fe211%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmihaaru.com%2Fnews%2F138991
އޭގެ އިތުރުން ވެސް އެކި މައްސަލަތައް ހުށަހަޅާފައިވާއިރު 596 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އޭގެ ތެރޭގައި ސައްހަ ނޫން 174 މައްސަލަ ހިމެނޭ ކަމަށާއި ސައްހަކަން ކަށަވަރު ނުކުރެވޭ 70 މައްސަލަ ހިމެނޭ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރުމެވެ. މިދިޔަ 10 މަސްދުވަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދުމުގެ ރެއިޑް އޮޕަރޭޝަންތައް ވެސް އަންނަނީ ހިންގަމުންނެވެ.