ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުން ފަދަ މުހިންމު ބަދަލުތަކެއް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަން ފެށި ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބި ކަމަށް ނަޝީދު ވިދާޅުވިއެވެ.
މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީ ނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔައިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
“އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ ވެށިފަހި މާލެ ޕްރޮގްރާމް ހިންގުމަށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ވޭތުވެދިޔަ ސަރުކާރަކުން މާލޭގައި ހިންގާފައެއް ނެތް. އެހެންވީމާ 2019، 2020 އަދި 2021 ވަނަ އަހަރު ވެސް ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނެތުނީ. އިންތިޚާބަށް ކުޑަ ދުވަސްކޮޅެއްވީމާ މިއީ ބޯހިޔާވަހިކަމޭ ކިޔާ ތަންތަން ދޫކުރަން ފެށީ. އެއީ ސިހުރެއް އޭރު ވެސް އަޅުގަނޑުމެން ދެންނެވިން. އެންމެ ފަހުން ބަލާލިއިރު ބޯހިޔާވަހިކަން ދީފައި އޮތީ ނަރުދަމާ މަތީގައި. ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ” ނަޝީދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ސިޔާސަތެއް ނެތުމުން އެންމެ ފަހު ވަގުތު އެތައް ކަމެއް ނުރަނގަޅު އެތައް މަގަކުން ދިޔަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.