މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރިޔަސް، އެބޭފުޅުންގެ ހިތުގައި އޮތީ ބަޣާވާތްކުރުން ކަމަށެވެ.
“ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަކަށް އެއްބާރުލުމެއް ނުލިބޭނެއޭ ތިމަންނަމެން ޕްލޭން ކުރަނީ ސަރުކާރު ބަދަލުކުރަންށޭ މަޖިލިސް ތެރެއިން. ކުރިން އެ ވާހަކައެއް ނުދައްކާ. ކުރިން ބޭނުންކުރަމުން ދިޔައީ ވަރަށް ސިމްޕަލް، ވަރަށް އާދައިގެ ބަހެއް، ޖަވާބުދާރީކުރުވުން،” ރައީސް ވިދާޅުވި އެވެ.
“އިދިކޮޅު ފަރާތްތަކުން ކުރީގައި ޖަވާބުދާރީކުރުމުގެ ވާހަކަ ދެއްކިޔަސް، ފަހުން އެ ވާހަކަ އަސްލު އެ ބޭފުޅުންގެ ހިތުގައި އޮތް ގޮތަށް މިހާރު އެ ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަޣާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފުޒުތައް.”
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހޮވިއްޖެނަމަ އިސްކުރާނީ އެ ޕާޓީގެ ފިކުރު ކަމަށެވެ. އަދި ބަޣާވާތްކުރުން ފަދަ ނުތަނަވަސްކަމަކަށް ގައުމު ދިޔަ ދޫކޮށްލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ގައުމުގެ ތަރައްގީ ޔަގީން ކުރުމަށް، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް އަދި ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިލެއްވި އެވެ.
ޖަވާބުދާރީކުރުވުމުގެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓުންނަކީ ޒިންމާދާރު ބައެއް ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެ ކެންޑިޑޭޓުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.