ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރަށާއި، ރައީސް މުއިއްޒަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ އެ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައި ވައުދުތައް ފުއްދަވައިދެއްވާނެކަން ޔަގީންވާތީ އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
“އެކި ކަހަލަ ދޮގު ހަދަމުންދަނީ. ދެން އަޅުގަނޑު ބޮލުގައި ދޮގު އަލުވަން އުޅެއުޅެ އެޅުވޭގޮތެއް ނުވޭ. އަޅުގަނޑަކީ ވައުދެއް ވެއްޖެނަމަ ތެދުބަހުން ވާހަކަ ދައްކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު (ވައުދު) ފުއްދާ މީހެއްކަން ރައްޔިތުން އެބަ ގަބޫލުކުރޭ،” ރައީސް ވިދާޅުވި އެވެ.
އޭގެ ހެއްކަކަކީ މިދިޔަ ފަސް މަސް ދުވަސް ތެރޭގައި ސަރުކާރަށް ނިންމޭނެ ހުރިހާ ކަމެއް ނިންމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“މިއިން އެއްވެސް ކަމެއް ވޯކް ނުކުރީމާ، ދެން އެ މީހުންގެ (ސަރުކާރާ އިދިކޮޅު މީހުންގެ) ޔޫޝުއަލް ޓެކްނިކްސް އަށް މި ދަނީ. އޭގެ ކުރިން މޭޔަރު އިންތިހާބުގައި ވެސް އެންމެ ފަހު ވަގުތު ގޮތް ހުސްވެގެން އަޅުގަނޑުގެ އަބުރު ކަތިލަން ފެށީ،” ރައިސް ވިދާޅުވި އެވެ.