އެމްޕީއެލްއިން ބުނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ވަނީ ސީއެސްއާރްގެ ދަށުން އެ ހޮސްޕިޓަލަށް 40 ފޫޓުގެ ދެ ސްޓޯރޭޖް ކޮންޓޭނަރު މިއަދު ހަދިޔާކޮށްފައި ކަމަށެވެ.
އެ ސްޓޯރޭޖް ކޮންޓޭނަރުތައް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ރަސްމީކޮށް ހަދިޔާކުރެއްވުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އަދި ކުންފުނީގެ ބައެއް އިސްވެރިން ވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހްމަދު އަދި އެ ހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފައި ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ، 102 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. އެއީ ދެކުނުގައި ރައްޔިތުންނަށް ހިދުމަތްދޭ އެންމެ ބޮޑު ހޮސްޕިޓަލް ވެސް މެއެވެ. އެ ހޮސްޕިޓަލުން ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބެން ހުރެއެވެ. އަދި ބައެއް ބޮޑެތި އޮޕަރޭޝަން ވެސް އެ ހޮސްޕިޓަލުން ކުރެވެއެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ ރަނގަޅު ހިދުމަތްތަކާއި ފެންވަރު ރަނގަޅު ޑޮކްޓަރުން ހޮސްޕިޓަލުގައި ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.