ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަދު ހެނދުނުން ފެށިގެން އެ ރަށުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ އެދުމުގެ މަތިން މިއަދު ހަވީރުގެ ވަގުތެއްގައި، ސްޓެލްކޯގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޓީމުން ކުރި މަސައްކަތުން ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ.
“ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން.” އޭނާ ވިދާޅުވި އެވެ.