މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް ޑރ.މުޢިއްޒު މިހާރު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ފީއަލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ އެންމެ ބޮޑު އެއް ވައުދަކީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު އެއްކޮށް ކަނޑުވައިލެއްވުން ކަމަށެވެ.
ވޭތުވެދިޔަ މުއްދަތުގައި ރައީސް ޑރ.މުޢިއްޒަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ހިނގައްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެކަން ހިނގައިފި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެހެންނަމަވެސް ތިބޭފުޅުންނަށް މިއަދު ފެނިވަޑައިގަންނަވާނެ މިހާ ހިސާބަށް އައިއިރުގައި ސިޔާސީ ވެެރިންނަކަށް އެއްވެސް ހުރަހެއް ގޮންޖެހުމެއް ދަތިކަމެއް ނެތި އެމަނިކުފާނު ވަނީ ސިޔާސީ ފަރާތްތަކަށް ހަމަ އެއްވެސް ހުރަހެއްނެތި ކޮންމެ ބޭފުޅަކު ވެސް ދައްކަވާނެ ވާހަކައެއް ބޭނުންފުޅުވާ ހުރިހާ ވާހަކައެއް އެއީ ބުހުތާނު ދޮގުހެދުންކަމަށްވިޔަސް އެކަމަށް ވެސް ފުރުސަތު ހުޅުވައިލާފަ” އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި މިއަދު ފެންނަން އޮތް ހަގީގަތަކީ އެއްވެސް ވަރަަކަށް ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާކަން ކަަމަށެވެ. އަދި ކުރީގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ވާހަކައެއް ނުވަތަ އޭރު ގައުމަށް ލިބުނު ގެއްލުމުގެ ވާހަކައެއް ވަޒީރުންގެ މަޖިލީހުގައި ވެސް ރައީސް ޑރ.މުޢިއްޒު ތަކުރާރެއް ނުކުރައްވާ ކަމަށެވެ.
”ބަޔަކު އެ ވާހަކަ ދެއްކެވިޔަސް ވިދާޅުވަނީ ތިއީ މާޒީއޭ މުސްތަގުބަލަށް އަޅުގަނޑުމެންގެ ވިސްނުން ހިންގަވަމާ ހިންގަވާށޭ އަޅުގަނޑުމެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ރައްޔިތުންނާ އެކީގަ ކުރިއަށްދެވޭނެ ގޮތްތަކެއް ފަހިކުރައްވާށޭ”