ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ވާހަކަ ކުރިން ވިދާޅުވެފައިވާނެ ކަމަށާއި އަބަދުވެސް ވާހަކަފުޅު ދައްކަވާނީ ތެދުބަހުން ކަމަށެވެ.
”އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑު ދައްކާ ވާހަކަތަކުގަ އަޅުގަނޑުގެ ފަރާތުން ރައްޔިތުންނަށް ދަންނަވާ ވާހަކައެއްވިއްޔާ ޒިންމާ ނަގާނެ މީހެއް.”
އެހެންކަމުން ވައުދެއްވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާނެ ކަމަށާއި އެމަނިކުފާނަކީ އެހެން ބައެއް މީހުން ކަންތައް ކުރާހެން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ދެއްވީ އެއާޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީންކަމެވެ. އަދި އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދެން ނުހުއްޓޭނެ, އަމަލީ ގޮތުން ބިން ހިއްކަން އެ ފެށީ. އިރާދަކުރެއްވިއްޔާ މި މަސައްކަތް ގޮސް ބާރު ސްޕީޑުގައި ނިމޭއިރުގަ ތިބޭފުޅުންގެ އުންމީދުތަކުގަ ކުލަޖެހި އެންމެ ފުރިހަމަ ރަނގަޅު ފެންވަރުގެ އެއާޕޯޓެއް މި ރަށުގަ އޮންނާނެ.”
”ޖެޓް ޖެއްސޭވަރުގެ ފުރިހަމަ އެއާޕޯޓެއް ހެދިގެންދާނެ” އެ އެއާޕޯޓުގައި 1800 މީޓަރު ދިގު ރަންވޭއެއް ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ މި ސަރުކާރުން ނިލަންދޫގެ ތަރައްގީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާ ކުރައްވައިފައެވެ.