ރައީސް މުއިއްޒު ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފީއަލީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައިވެސް އެރަށުގެ ބިން ހިއްކައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.
އެގޮތުން، އެ ވައުދާ އެއްގޮތަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
“އަޅުގަނދު ކެމްޕެއިނުގެ ތެރޭގަވެސް އެ ވައުދުވިން. ވައުދުވީ ފުއްދުމުގެ ބޭނުމުގައި. އެހެންވީމަ ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެ. ހިއްކުނު އެންމެ ބޮޑަކަށް ހިއްކާނަން. ބާކީ ފަޅުތެރޭގަ އޮތް ޖާގައާ އެކީގައި ރައްޔިތުން އެދޭ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންދާނަން.” އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ ރަށު ފަޅުން ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިމުގެ ޖާގަ އުފެއްދެން އެބައޮތް ކަމަށާއި އަދި އެއަށްވުރެ ބޮޑަށް ހިއްކެންޏާ އެބައިވެސް ހިމެނޭގޮތަށް ހިއްކައިދޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުވެސް އެރަށުގައި މިދިޔަ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ކުރިއަށްގެންދަން ނިންމާފައިވާ މަަޝްރޫއތައްވެސް ލަސްތަކެއްނުވެ ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑު ބޭނުންވަނީ ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން.” އެމަނިކުފާނު ވިދާޅުވިއެވެ.