އައްޑޫ ސިޓީގެ ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެކުނުގައި ޤާއިމްކުރާ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންގެ ކެޕިޓަލްއަކީ އައްޑޫސިޓީކަމަށާއި ހިތަދޫ ހޮސްޕިޓަލް ތަރައްޤީކުރައްވާނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ޚިދުމަތްތަކެއް ލިބޭގޮތަށް ކަމުގައެވެ.
ހޮސްޕިޓަލަށް ވަރަށް ގިނަ އެކްސްޕޭންޝަން ބޭނުންވާނެ ކަމަށާއި އޭގެތެރެއިން ބައެއް ކަންކަން ފެށުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި އޭރުން އެޚިދުމަތްތައް ހޯދުމަށް މާލެދިޔުން ނިމުމަކަށް އަންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިމަޝްރޫޢުތަކުގެ ގިނަމަސައްކަތްތަކަކީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަންޖެހޭ މަސައްކަތްތައް ކަމަށާއި މަޖިލީހަށް ހޮވޭ މެންބަރުންގެ ދައުރު މިކަމުގައި ބޮޑުކަމަށެވެ. ސަރުކާރަށް ތާއީދުކުރާ 8 މެންބަރުން އައްޑޫސިޓީއިން ހޮވަންވީ މިމަސައްކަތްތައް ބަޖެޓުގައި ހިމެނުމަށާއި ރައްޔިތުން ބޭނުންވާ ބާރު ސްޕީޑުގައި ތަރައްޤީ ހާސިލުކުރުމަށް ކަމުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެކި މަޝްރޫޢުތަކަށް ބޭނުންވާ ވަރަށް ފައިސާ ނުހިމަނައި, އަލަށް ހޮވުނު ސަރުކާރުން ބޭނުންވާ ބައެއް މަޝްރޫޢުތައް އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވަނީ އުނިކޮށްފައެވެ.