ރައީސް މުއިއްޒު ލ.މާވަށް ވަޑައިގަތުމުނ،ް މިހާރު އެ ރަށުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ސަރުކާރަށް ކުރިމަތިވި ކަމަށެވެ. މިދިޔަ ސަރުކާރުން ރާވާފައި އޮތީ ރައީސް މުއިއްޒު ވެރިކަމަށް އަންނަތާ 90 ދުވަސްތެރޭގައި ސަރުކާރު ބަނގުރޫޓުވާގޮތަށް ކަމަށް ވިދާޅުވިއެވެ.
“މުޅި އެތި ޑިޒައިންކޮށްފައި ރާވާފައި ސީލްކޮށްފައި އެޑިޒައިން ބާއްވާފައި އޮތީ ތިން މަސް ދުވަސްތެރޭގައި ރާއްޖޭގެ ބަނގުރޫޓު ވާނެއޭ. ދެން ބަނގުރޫޓް ވީމަ ކުރީގެ ބައެއް ރައީސުންނާއެކު އާ ސަރުކާރެއް ފޯމްކުރާނީއޭ. ބައެއް ބޭފުޅުންގެ އެހީތެރިކަމާއެކު. މި ޑިޒައިން މަސައްކަތެއް ނުކުރި. އެއީ ބަނގުރޫޓުވާން ރައީސް މުއިއްޒު ފުރުސަތު ނުދެއްވުމުން.” ސައީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސް އެ ފުރުސަތު ނުދެއްވީ ވަރަށް ބޮޑު “ރިސްކެއް” ވެސް ނަންގަވައިގެން ކަމަށެވެ. އެއީ ފައިސާ ޗާޕްކުރުން ހުއްޓާލުމުގެ ރިސްކު ކަމަށް ސައީދު ވިދާޅުވިއެވެ.
“މިކަމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުން ރައީސް މުއިއްޒާ ދެ ފަހަރު ބައްދަލުކުރެއްވި. ތިންވަނަ ފަހަރަށް އައިއެމްއެފްގެ މެނޭޖިން ޑައިރަކްޓަރުގެ ހާއްސަ ކޯލެއް އެމަނިކުފާނު ދުބާއީގައި ހުންނަވަކިކޮށް ވަޑައިގެން ބައްދަލުކުރައްވައި ވިދާޅުވީ ރައީސްއޭ ތިން މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ އިންތިހާބެއް އޮއްވާ އެއްވެސް ގައުމެއްގެ ރައީސެއް ކުރައްވާނެ ކަމެއްނޫނޭ ތި ކުރެއްވީ. އެހާ ބޯލްޑް އެހާ ހިތްވަރުގަދަ ނިންމުމެކޭ ތި ނިންމެވީ ފައިސާ ޗާޕްނުކޮށް ރިޕޯމްއަށް މަސައްކަތް ކުރައްވާނެ މަސައްކަތް ވިދާޅުވުން.” ވަޒީރު ވިދާޅުވިއެެވެ.